Thursday, February 24, 2011

Democracy, breadrolls and chapati


ސައުތު އޭޝިޔާ ސެންޓަރ ފޮރ ޕޮލިސީ ސްޓަޑީޒްއިން އިންތިޒާމް ކޮށްގެން، އިންޑިޔާގެ ނިއުދިއްލީގައި މިއަދު ހެނދުނު ފެށުނު ބައިނަލްއަޤްވާމީ ބައްދަލުވުމެއް ކަމަށްވާ، ވަރލްޑް ކޮންފަރެންސް އޮން ރިކްރިއޭޓިން ސައުތު އޭޝިޔާގެ އިފްތިތާޙީ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު މިއަދު ވަނީ ވާހަކަފުޅު ދައްކަވާފައި. އިންޑިޔާ އަކީ ދެކުނު އޭޝިޔާ ޗާޓަށް އަރުވައިދިން ޤައުމުކަމަށާއި، މިހާރު ޕާނަށް ވުރެ ޗަޕާތީ އިސްވެއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވެފައިވޭ. އެހެންނަމަވެސް، ރައީސް ނަޝީދުގެ ތަޤުރީރާ ބެހޭ ޚަބަރުތައް ބަލައިލުމުން، ރާއްޖޭގެ މަސްހުނިވެފައިވާ ޑިމޮކްރަޓިކް ވެރިކަމުގައި، ރައީސް ވިދާޅުވާފަދަ، ރިވެތި ޑިމޮކްރަޓިކް އުޞޫލުތައް އެކުވެލިގެން ވޭތޯ ސުވާލުކޮށްލެވޭ.
ސަރުކާރުން، ރާއްޖޭގެ އެއަރޕޯޓާއި، މުވާޞަލާތާއި، ދަތުރުފަތުރާއި އެހެނިހެން ޚިދުމަތްތައް ވިޔަފާރިއަށް ހުޅުވާލައްވާފައިވަނީ މިނިވަން ވިޔަފާރީގެ މާޙައުލެއްގެ ތެރެއިން ނޫނީ ރައްޔިތުން އެދޭ ތަރައްޤީ ރައްޔިތުންނަށް ހޯދައި ނުދެވޭނެތީކަމުގައި ރައީސުލް ޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު މިއަދު ވަނީ ވިދާޅުވެފައި. ހަމަ މިނޭވާގައި، ވިޔަފާރި ކުރުމަކީ ސަރުކާރުގެ ދައުރެއް ނޫން ކަމުގައިވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައި. މާލޭ ބައިނަލްއަޤުވާމީ ވައިގެ ބަނދަރު އިންޑިޔާގެ ޖީ.އެމް.އާރް ކުންފުންޏަށް ދިގުމުއްދަކަށް ކުއްޔަށް ދިނުމުން އެކަމާ ރައްޔިތުންނާއި ރައްޔިތުންގެ މަންދޫބުން ކަންބޮޑުވުން ފާޅުކުރަމުން ދިޔައިރުވެސް، މިނިވަން ވިޔަފާރީގެ މާޙައުލެއްގެ ތެރެއިން ނޫނީ ރައްޔިތުން އެދޭ ތަރައްޤީ ރައްޔިތުންނަށް ހޯދައި ނުދެވޭނެތީ ސަރުކާރުން މި ވިޔަފާރި ކުރިއަށްގެންދިޔައީކަން ރައީސް ނަޝީދުގެ ވާހަކަފުޅުން ދޭހަވޭ.
ދެން ރައީސް ނަޝީދު ދައްކަވާފައި މިވަނީ، އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމެއް ޤާއިމް ކުރުމުގެ މުހިންމުކަމުގެ ވާހަކަ. ތެދެއްމެ، އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމެއްގައި ބައިވެރިވުމުގެ އިޚުތިޔާރު ރައްޔިތުންނަށް އޮތުމަކީ، ސަރުކާރުން ފޯރުކޮށްދެވޭ މުހިންމު ޚިދުމަތެއް. އެހެންނަމަވެސް، އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމެއްގައި ބައިވެރިވުން މަޖުބޫރު ކުރުވުމަކީ، ޑިމޮކްރަޓިކް ނުވަތަ ސޯޝަލިސްޓް ނުވަތަ ކެޕިޓަލިސްޓް އުޞޫލުތަކުގެ ތެރެއިން ކޮން އުޞޫލަކަށް ފެތޭ މަޖުބޫރީއެއްތޯ ސުވާލުކޮށްލަން ޖެހޭ. ރައްޔިތުންގެ މަޖިލިސް އިސްތިސްނާ ވެފައިވާ މަޖުބޫރީ ޕެންޝަން ސްކީމެއް އޮންނަ ދިވެހިރާއްޖޭގެ ރައީސް، ރައްޔިތުންނަށް އަތްފޯރާ އަގެއްގައި އަސާސީ ޚިދުމަތްތައް ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ މުހިންމުކަމުގެ ވާހަކައާއި، ހަރުދަނާ އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމެއް ޤާއިމް ކުރާ ވާހަކަ ދެއްކުމުގެ ޙައްޤު އެބައޮތްތޯ ސުވާލު އުފެދޭ.
މުޅި ދެކުނު އޭޝިޔާ ސަރަޙައްދުގައި ވެސް ޑިމޮކްރަޓިކް ވެރިކަމުގެ ނިޒާމުގައި އަދި ތިމާވެށި ހިމާޔަތް ކުރުމުގައި އެންމެ ފުންނާބު އުސް ފަރާތްތަކަމަށް ގިނަ ބަޔަކަށް ހީވެފައިވާ ރައީސް ނަޝީދު، މި ޕޯޑިއަމްގައިވެސް ވަނީ، ޑިމޮކްރަސީގެ އަސާސް ތަކަކީ ކޮބައިކަމާއި، ޚުދުމުޚުތާރު ވެރިކަމާއި ޑިމޮކްރަސީއާ ހުރި ތަފާތުތަކަކީ ކޮބައިކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައި. ޚުދުމުޚްތާރު ވެރިކަމެއްގެ ދަށުން، އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށްޓަކައި، ހަރުދަނާ އަވަސް ފިޔަވަޅުތައް އެޅުން މާ ފަސޭހަ ނަމަވެސް، މި ފަދަ ނިޒާމެއްގެ ފައިދާ ކުރާނީ ވެރިކަމާ ގާތް މަދު ބަޔަކަށް ކަމަށް އެމަނިކުފާނު ވިދާޅުވި. ދެކުނު އޭޝިޔާގެ އެންމެ ޅަ ޑިމޮކްރަސީ ކަމަށް ދައުވާ ކުރާ ދިވެހިރާއްޖޭގެ ވެރިކަމަށް އަދި ތިން އަހަރުވެސް ވެފައިނުވާއިރު، ވެރިކަން ކުރާ ޕާޓީގެ އިސް މެމްބަރުންގެ ކޮރަޕްޝަން މައްސަލަ ފެންމަތިވެފައިމިވަނީ، އަދިވެސް ދިވެހި ޑިމޮކްރަސީ ޅަކަމުންބާއޭ ސުވާލު އުފެދޭ.

No comments: